މިދިޔައަހަރު ރަނގަޅަށް ނުފެށި އުޅެނިކޮށް އިވިގެން ދިޔަ އެންމެ ފާހަގަކޮށްލެވޭ އެެއް ޚަބަރަކީ ރާއްޖޭގެ މުވާޞަލާތީ މައި ކުންފުނި ދިރާގުގެ އިންޓަރނެޓް ޚިދުމަތަށް ގެއްލުން ދިނުމުގެ ގޮތުން ބަޔަކު ޤަސްތުގައި ދިން އެންމެ ވަރުގަދަ ޙަމަލާގެ ވާހަކައެވެ. އަދި މިކަމާއި ގުޅިގެން ދިރާގުގެ އިންޓަރނެޓް ޚިދުމަތް ބޭނުންކުރުމުގައި ބޮޑެތި ދަތިތަކެއް ދިމާވެ، އެ ކުންފުނީގެ 'ބެލެނިވެރިކަމުގެ' ދަށުން ހިންގާ 'ޑޮޓް އެމްވީ' ގެ ގިނަ ވެބްސައިޓްތަކަކުން ވަނީ ޚިދުމަތް މެދުކެނޑިފައެވެ. ސަބަބަކަށް ވީ 'ޑީޑޮސް' އެވެ
'ޑޮސް' އަކީ ކޮބައިބާވައެވެ؟. ކުރު ތަޢާރަފަކަށް ޖެހިލާނަމަ ދެންނެވޭނީ އެއީ "އޮންލައިންކޮށް ދެވޭ ނުވަތަ ލިބިގަނެވޭ ޙިދުމަތަކަށް ހުރަސްއެޅުން" ކަމުގައެވެ. މިއީ އިންޓަނެޓްގައި ހިންގޭ ސައިބަރ ޖަރީމާތަކުގެ ތެރެއިން އެންމެ ގެއްލުން ބޮޑު އަދި ނުރައްކާތެރި އެއް ވައްތަރެވެ. މިފަދަ 'ހުރަސްއެޅުން' ތަކުން ބައެއްފަހަރު ބޮޑެތި އަދި މަޝްހޫރު ނެޓްވާކްތައްވެސް 'ގަނޑުކޮށްލައި' ހުއްޓުވާލާފައި އެބަހުއްޓެވެ. މިގޮތުން ބޭންކުތަކާއި، އޮންލައިންކޮށް ފައިސާގެ މުޢާމަލާތްތަށް ހިނގާ 'ދޮރޯށި' ތަކުން ފެށިގެންގޮސް 'ރޫޓް ނޭމް ސާވަރ' ތަކަށް ވެސް މިފަދަ ޙަމަލާތަށް ފޯރާފައިވެއެވެ
ޑޮސް ޙަމަލާ، މައިގަނޑު ދެގޮތަކަށް ދެވެއެވެ. އެއީ އޮންލައިން ޚިދުމަތްތައް 'ކްރޭޝް' ކޮއްލުމަށް ދެވޭ ޙަމަލާތަކާއި 'ފްލަޑް' ކޮއްލާ ޙަމަލާތަކެވެ. މިފަދަ ޙަމަލާތަކުގެ ޢާއިލާގެ އެތައް ވައްތަރެއް ވެއެވެ. އޭގެތެރޭގައި އައި.ސީ.އެމް.ޕީ ފްލަޑް، ޓިއަރޑްރޮޕް އެޓޭކް، އެޕްލިކޭޝަން ލެވެލް ފްލަޑް، ފަދަ ޙަމަލާތައް ހިމެނެއެވެ. ޑީޑޮސް (ޑިސްޓްރިބިއުޓެޑް ޑިނަޔަލް އޮފް ސާރވިސް) އަކީ ވެސް މީގެ އެއް ވައްތަރެވެ
ޑޮސް ޙަމަލާއަކަށް ތައްޔާރުވުމަށްޓަކައި ހެކަރުން އެކަމަށް ބޭނުންކުރާނޭ (ޒޯމްބީ) ކޮމްޕިއުޓަރުތަކުގެ ވިއުގައެއް ޤާއިމްކުރެއެވެ. މި ކޮމްފިއުޓަރުތަށް ހުންނާނީ ހެކަރުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. ގިނަފަހަރަށް މިކަން ކުރުމުގައި ޚާއްސަކޮށް އުފައްދާ 'ބޮޓްނެޓް' ތަކުގެ ބޭނުން ހިފައެވެ. އަދި ޙަމަލާ ވަރުގަދަކުރުމަށާއި، ފާރަލައި ބަލައިފާނެ ފަރާތްތަކަށް ފިލުމަށާއި، ޙަމަލާދޭ އަސްލުފަރާތް 'ލޯތަކަށް' އޮޅުވައިލުމަށްޓަކައި އިތުރު ކޮމްޕިއުޓަރުތަށް (ރެފްލެކްޓަރސް) ޝިކާރަކޮށް، އަތްދަށުލައެވެ. އަދި އެއަށް ފަހު ބޭނުންވާ ވައްތަރެއްގެ ޙަމަލައެއް އަމާޒުފަތްގަނޑަށް ފޮނުވާލައެވެ. އޭރުން ޙަމަލާ އަމާޒުވާ ފަރާތަށް ހީވާނީ ޙަމަލާދެނީ ފަހުން މިދެންނެވި ރެފްލެކްޓަރސް ތަކުން ހެންނެވެ
މިގޮތުން ދޭ އެންމެ ޢާންމު ޙަމަލައަކީ 'ޕިންގް އޮފް ޑެތް' ގެ ނަމުން މަޝްހޫރުވެފައިވާ ޙަމަލާއެކެވެ. މި ޙަމަލާ ދިނުމަށްޓަކައި، ހެކަރުން އިސްވެ، ކުރިންނެވުނު ފަދަ ވިއުގައަކުން ޙަމަލާގެ އަމާޒުފަތްގަނޑަށް (ވެބްސައިޓަކަށް ނުވަތަ ސާވާ އަކަށް) ބަލައިނުގަނެވޭހައި ގިނަ ޢަދަދެއްގެ އިކެކްޓްރޯނިކް ޑާޓާ ޕެކެޓްސް 'ރިކުއެސްޓް' ތަކެއްގެ ގޮތުގައި ފޮނުވައިލައެވެ. ނަތީޖާއެއްގެ ގޮތުން، ޙަމަލާ އަމާޒުވާ ވެބްސައިޓް، ނެޓްވާކް، ނުވަތަ ސާވާ އަށް ކެތްނުވާވަރަށް 'ރިކުއެސްޓް' ތަކުގެ ޓްރެފިކް ތޮއްޖެހި، ސާވާ ނުވަތަ ވެބްސައިޓްގެ ޚިދުމަތް މެދުކެނޑެއެވެ
މިފަދަ ޙަމަލާއެއްގެ ޝިކާރައަކަށް ވެއްޖެނަމަ، އެ ޙަމަލާ ހުއްޓުވުމަށް ނުވަތަ ޙަމަލާއިން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނޭ ބައެއް ކަންކަމުގެ ތެރޭގައި ސާވާއިނ ނުވަތަ ވެބްސައިޓުން ބަލައިގަންނަ 'ރިކުއެސްޓް' ގެ މިންވަރު ދަށްކޮށްލެއްވިދާނެއެވެ. ނަމަވެސް މިހެން ހައްދަވައިފިނަމަ ހެކަރުންގެ އިތުރުން ރަގަނޅުގޮތުގައި ވެބްސައިޓް ނުވަތަ ސާވާގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށްވެސް އުނދަގޫތަށް ކުރިމަތިވާނެއެވެ. ސަބަބަކީ ހެކަރުންގެ 'ރިކުއެސްޓް' ތަކާއި، ޚިދުމަތް ލިބިގަންނަ އެހެންފަރާތް ތަކުގެ 'ރިކުއެސްޓް' ވަކިކޮށް ދެނެގަނެވޭނޭ ގޮތެއް ނެތީމައެވެ. ތިއަރިޓިކަލް ވިސްނުމަކުން ވިސްނާނަމަ 'ޒޯމްބީ ކޮމްޕިއުޓަރުތަކަށް' ފާރަލައިގެން ޙަމަލާދޭ އަސްލު ފަރާތްތަކުގެ މަޢުލޫމާތު ދެނެގަނެވިއްޖެ ނަމަ އެފަރާތްތަކުން ސާވާ/ވެބްސައިޓަށް ދޭ ޙަމަލާތަކަށް ފަސޭހަކަމާއި އެކު ހުރަސްއެޅިދާނެއެވެ. ނަމަވެސް 'ޒޯމްބީ' ކޮމްޕިއުޓަރުތަކުގެ 'އަސްލު' އޮޅުވާލުމުގައި ގެންގުޅޭ އުކުޅުތަކުގެ (ސްޕޫފިންގ) ގެ ސަބަބުން އެފަދަ ފަރާތްތަށް ހޯދައިގަތުމަކީ ވަރަށް ދަތި އުނދަގޫކަމެކެވެ

No comments:
Post a Comment